‏”ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި ‏‏އަމަލުކުރަންވީގޮތުގެ ގަވާއިދު “

MCS logo

“ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު” އަކީ ގާނޫނު ނަންބަރު 2008/5 (ފުލުހުންގެ ގާނޫނު) އާއި ގާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދެކެވެ.

DEATH EXECUTION CHART 3

މަރުގެ އަދަބު ތަންފީޒުކުރުމާބެހޭ އިޖުރާއަތުތައް

މި ގަވާއިދުގެ ދަށުން މަރުގެ އަދަބު ތަންފީޒުކުރެވޭނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު، މަރުގެ ހުކުމް އިއްވައިފިނަމައެވެ. މަރާލެވިފައިވާ މީހާގެ ވާރިސުންގެ ފަރާތުން ޝަރީއަތުގައި ބަހެއް ހޯދުމުގެ ކުރިން، އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ފަރާތްތަކަށް އޮޅުން ފިލުވަދޭންވާނެއެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް މީޑިއޭޓްކުރަންވާނެއެވެ.

ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތުތަކާ އެއްގޮތަށް އަދި ގާނޫނީ ގޮތުން ހުރިހާ ކަމެއް ފުރިހަމަވެފައިވާކަން އެނގޭ ލިޔުމެއް ޕްރޮސެކިއުޓަރ ޖެނެރަލް، އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަރާތެއްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އެކުލެވޭ ކޮމިޓީއަކުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުންނެވެ. އަދި މި ލިޔުން ލިބޭތާ 3 (ތިން) ދުވަހުގެ ތެރޭގައި، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ އަމުރެއް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ފޮނުވަންވާނެއެވެ.

މަރުގެ އަދަބު ތަންފީޒުކުރަންވާނީ މަތީގައި ބަޔާންކުރެވިފައިވާ ލިޔުން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕްރިޒަންސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޑޮކްޓަރަކު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކަނޑައަޅާ ގާނޫނީ ވަކީލަކު އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ އާންމުގެ ތެރެއިން 3 މީހުންގެ ހާޒިރުގައެވެ. ނަމަވެސް، މަރުގެ ހުކުމްތަންފީޒުކުރާ ދުވަހު، އެހުކުމް ތަންފީޒުކުރުމުގެ ކުރިން، މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދަންވާނެއެވެ (ތަފްސީލު ތިރީގައި).

މަރުގެ އަދަބު ތަންފީޒުކުރާނީ ޖަލުގައި އެކަމަށް ހާއްސަކޮށްފައިވާ ވަކި ތަނެއްގައެވެ.

މަރުގެ އަދަބު ފަސްކުރުމާބެހޭ އިޖުރާއަތުތައް

މަރުގެ އަދަބު ތަންފީޒުކުރުން ފަސް ކުރެވޭނީ 3 ހާލަތެއް މެދުވެރިވެގެންވެއެވެ. އެއީ،

  1. ކުށް ސާބިތުވެފައިވާ ފަރާތަކީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްނަމަ، އެ ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން.
  2. ކުށް ސާބިތުވެފައިވާ މީހާއަކީ މާބަނޑު މީހެއްނަމަ، އޭނާގެ ބަނޑުގައިވާ ދަރިފުޅު ވިހައި، އެ ދަރިފުޅަށް 2 އަހަރު ފުރެންދެން.
  3. ކުށް ސާބިތުވެފައިވާ މީހާއަކީ މާބޮޑަށް ބަލި ހާލު ދެރަވެފައިވާ މީހަކުކަމުގައިވާނަމަ، އެމީހަކު ގަދަވަންދެން.

މަތީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވިއްޖެ ހާލަތުގައި، ކުށް ސާބިތުވެފައިވާ މީހާ ނުވަތަ ކުއްޖާ ބަހައްޓަންވާނީ އެހެން ކުށްވެރިންނާ އެކަހެރިކޮށް ޖަލުގައެވެ. ނަމަވެސް ކުށް ސާބިތުވެފައިވާ މީހާއަކީ މާބަނޑު މީހެއް ނަމަ ނުވަތަ މާބޮޑަށް ބަލި ހާލަތް ދެރަވެފައިވާ މީހެއްނަމަ، އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވެންދެން ބަހައްޓާނީ، އޭނާގެ ހާލަތް ރިއާއަތްކޮށް އެފަދަ މީހަކު ބެހެއްޓުމަށް އެކަށީގެންވާ ތަނެއްކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ތަނެއްގައެވެ.

މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާތަކެއް ފުރިހަމަވުމަށްފަހު، ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ދުވަހު، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްވެގެންވެއެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ކުރާ މީޑިއޭޝަން އާއި މަރުގެ ހުކުމް ތަންފީޒުކުރާ ދުވަހު މަރާލެވިފައިވާ މީހާގެ ވާރިސުންގެ ބަހެއް ހޯދުމާ ދެމެދު މަދުވެގެން 10 (ދިހައެއް) ދުވަސް ހޭދަވާންވާނެއެވެ.

ވާރިސުން ކުށް ސާބިތުވެފައިވާ މީހާގެ އަތުން މަރުގެ ދިޔަ އަތުލުމަށްފަހު މައާފް ދީފިނަމަ ނުވަތަ މަރުގެ ދިޔައަކާ ނުލައި މައާފްދީފިނަމަ، މަރުގެ ހުކުމް ތަންފީޒުނުކޮށް، އެކަން ސުޕްރީމް ކޯޓަށް އަންގަންވާނެއެވެ. އަދި ސުޕްރީމް ކޯޓުން އެހެންގޮތަކަށް ނާންގާހައިހިނދަކު، ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްގެން ނުވާނެއެވެ. މިގޮތުން މަރާލެވިފައިވާ މީހާގެ ވާރިސުންގެ ތެރެއިން އެންމެ ވާރިސެއް މައާފުކުރިކަމުގައިވިޔަސް، މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެއެވެ. އަދި ސުޕްރީމް ކޯޓަށް މިގޮތަށް އެންގުމުން، އެ ކޯޓުން ކުށް ސާބިތުވެފައިވާ މީހާގެ މައްޗަށް އެހެން އަދަބެއް ކަނޑައެޅުމުގެ ފުރުސަތުވެސް ލިބިގެންވެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *