‏ރަމަޟާން ފުޓްސަލް ކަޕް 2016: ރޭގެ މެޗްތަކުން މޮޅުވީ އޮފެންޑަރ ސްޕޯރޓްސް އާއި ޕެންތަރ ‏‏އެފްސީ

‏މާފުށީ ޖަލުގައި ކުރިއަށްގެންދާ “ރަމަޟާން ފުޓްސަލް ކަޕް 2016″ގެ ރޭގެ މެޗްތަކުން ގިނަ ލަނޑުތަކަކާއެކު މޮޅުވީ އޮފެންޑަރ ސްޕޯރޓްސް އާއި ޕެންތަރ އެފްސީއެވެ.

މިގޮތުން ރޭގެ ފުރަތަމަ މެޗްގައި އޮފެންޑަރ ސްޕޯރޓްސް ވަނީ އައިކޯސްޓް ކޮޅަށް 11 ލަނޑުޖަހައި މެޗް ކާމިޔާބުކޮށްފައެވެ. އައިކޯސްޓްއިން ވަނީ އެހެން މެޗްތަކާ ހިލާފަށް 6 ލަނޑުކާމިޔާބުކޮށް ކުރިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ރޭގެ މެޗްގައި އައިކޯސްޓްގެ ގޯލްކީޕަރ ވަނީ އިންޖަރީވެގެން ދަނޑުން ބާލާފައެވެ.

13422312_601032053394424_4562529895174973660_o

އައިކޯސްޓް ޓީމްގެ ކެޕްޓަން މުޙައްމަދު ނިޝްވާން ވިދާޅުވީ ރޭގެ މެޗުން އައިކޯސްޓް ބަލިވީ ކީޕަރު ދަނޑުން ބާލަން ޖެހުމުން ކަމަށެވެ. އެހެންނޫންނަމަ ރޭގެ މެޗަކީ ތިން ޕޮއިންޓް ޔަގީން މެޗެއް ކަމަށެވެ.

ރޭގެ ދެވަނަ މެޗްގައި ޕެންތަރ އެފްސީ އާއި އޮސްކަރ އެފްސީ ބައްދަލުކޮށް، 13-6 ލަނޑުން މެޗް ކާމިޔާބުކުރީ ޕެންތަރ އެފްސީއެވެ. މި މެޗްގައި ޕެންތަރ އެފްސީއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރޭގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް އޮފެންޑަރ ސްޕޯރޓްސްގެ ޢަބްދުﷲ މިރުފާން ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕެންތަރ އެފްސީގެ އާދަމް ހުސެން މަނިކު އެވެ.