ފީމޭލް ހޭންޑްބޯލް ޓޯނަމެންޓް ގެ ޗެމްޕިއަންކަން ޕެރިމީޓަރ ސެކިއުރިޓީ ހޯދައިފި.

އެމްސީއެސްގެ އަންހެން އޮފިސަރުންތަކެއް ހޭންޑް ބޯލް ކުޅެނީ---

ފީމޭލް އިންމޭޓްސް މެނޭޖްމަންޓް ޓީމް 14 – 7 އިން ބަލިކޮށް، ފީމޭލް ހޭންޑް ބޯލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޕެރިމީޓަރ ސެކިއުރިޓީ ހޯދައިފިއެވެ.

މިއަދު ހަވީރު މާފުށީ ޖަލުގެ ސްޓާފް އޭރިއާގައި ކުރިއަށްގެންދިޔަ ފޯރިގަދަ މި މުބާރާތުގައި ތިން ޓީމް ވާދަކޮށްފައި ވެއެވެ. އެއީ ޕެރިމީޓަރ ސެކިއުރިޓީ ޓީމާއި، އެޑްމިން ޓީމްގެ އިތުރުން މުބާރާތުން ދެވަނަ ހޯދި ފީމޭލް އިންމޭޓްސް މެނޭޖްމެންޓް ޓީމެވެ.

މި މުބާރާތް ކުޅެފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޑްމިން ޓީމްގެ ގޯލްކީޕަރ ފާތުމަތު އަޒްލިފާ އެވެ. އަދި ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ޕެރިމީޓަރ ސެކިއުރިޓީގެ އައިޝަތު އާސިފާ ހޮވިފައިވާއިރު ތިންވަނަ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފީމޭލް އިންމޭޓްސް މެނޭޖްމަންޓް ޓީމްގެ ފާތިމަތު ޒީޒާ އެވެ. އަދި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕެރިމީޓަރ ސެކިއުރިޓީގެ ފާތުމަތު ޝަފީނާ އެވެ.

ޗީފް ޕްރިޒަން އޮފިސަރ އައިޝަތު ރިއުޒާ ވިދާޅުވީ މި މުބާރާތަކީ މާފުށީ ޖަލުގެ އަންހެން އޮފިސަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރަށް މުވައްޒަފުން ޝައުޤުވެރި ކުރުވައި، ހޭންޑް ބޯލް ކުޅުމަށް ޝައުޤުވެރިވާ އޮފިސަރުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ، އަންހެން އޮފިސަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްކަމަށް ހެދުމަށް ކުރިއަށް ގެންދިޔަ މުބާރާތެއްކަމަށެވެ.