‏ޕެރޯލް ބޯޑްގެ މެންބަރުންނާ ކޮމިޝަނަރ އޮފް ޕްރިޒަންސް ބައްދަލުކުރައްވައިފި ‏

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ޕެރޯލް ބޯޑުގެ މެމްބަރުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މާލޭ ޖަލުގައެވެ.

މިބައްދަލުވުން ބޭއްވުމުގެ ބޭނުމަކީ ޕެރޯލް ބޯޑުގައި ހިމެނޭ މެންބަރުންނާ ކޮމިޝަނަރ ބައްދަލު ކުރައްވާ ތައާރަފްވެލެއްވުމުގެ ގޮތުންނާއި ޕެރޯލް ބޯޑުގެ މަސައްކަތްތައް ބައްލަވާލެއްވުމެވެ. އަދި ޕެރޯލްގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކުރެއްވެން އޮތީ ކޮންކޮން ކަންކަމެއްތޯ މަޝްވަރާކުރައްވާ، ޕެރޯލް ބޯޑުގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް މިހާރު ދިމާވާ ދަތިތަކަކީ ކޮބައިތޯ ބައްލަވާ ލެއްވިއެވެ.

ޕެރޯލް ބޯޑުގައި ތަފާތު އެކި ދާއިރާތައް ތަމްޞީލް ކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރަކާއި، މެޑިކަލް ޑޮކްޓަރަކާއި، އޭ.ޖީ.އޮފީހުގެ ޤާނޫނީ ވަކީލަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ހެލްތްގެ އިސް މުވައްޒަފަކާއި، ނަފްސާނީ ބަލިތަކަށް ބޭސްކުރައްވާ ޑޮކްޓަރަކާއި، އަމިއްލަ ޖަމިއްޔާއެއްގެ މެމްބަރަކާއި، އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅުއްވާ ދީނީ އިލްމުވެރިއަކާއި، އަދި މޯލްޑިސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަން އޮފިސަރެއް ހިމެނެއެވެ.