‏ގައިދީންނާ އަދި ކުށުގެ ތުހުމަތުގައި ހައްރުކުރެވޭ މީހުންނާ ބައްދަލުކުރުމާބެހޭ ގަވާއިދަށް ‏‏އަމަލުކުރަން ފަށައިފި‏

MCS logo

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާއި ބައްދަލުކުރުމާއި، ފޯނު ކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދަށް 18 މޭ 2016 އިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަކީ ގާނޫނު ނަންބަރު 2013/14 (ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ)ގެ (11) ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ މަގްސަދަކީ ގައިދީންނާ ބަންދުމީހުންނާ ބައްދަލު ކުރެވޭނެ އުސޫލުތަކާއި، ފޯނާއި ސިޓީ މެދުވެރިކޮށް ގައިދީންނާއި ބަންދުމީހުންނާ މުއާމަލާތްކުރުމުގައި އަމަލުކުރަންވީ ގޮތް އަންގައިދިނުމެވެ.

މިގޮތުން ގައިދީންނާއި ބަންދު މީހުންނަށް އެމީހެއްގެ މައްސަލަ ނިމެންދެން އެމީހަކު ބޭނުންވާނަމަ ގާނޫނީ ލަފާ އޭނާގެ އަމިއްލަ ހަރަދުގައި، ނުވަތަ ސަރުކާރުން އައްޔަންކުރާ ވަކީލަކާއި އެކަށީގެންވާ ކޮންމެ ވަގުތެއްގައިވެސް ބައްދަލުކުރުމުގެ ފުރުސަތު ދެވެއެވެ. އަދި ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ބާރު ލިބިގެން ޖަލު އިންސްޕެކްޓްކުރުމަށް ޖަލަށް ޒިޔާރަތްކުރާ އިންސްޕެކްޓަރަށާއި، އޭނާގެ ފަރާތުން ދާ މީހުންނަށާއި، މުސްތަގިއްލު ކޮމިޝަންތަކަށާއި ބައިނަލްއަޤްވާމީ ޖަމިއްޔާއަކުން ފޮނުވާ ވަފުދުތަކަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ޖަލުގެ ސަލާމަތްކަމާއި ރައްކާތެރިކަން ނުގެއްލޭގޮތަށް ގައިދީ ނުވަތަ ބަންދުމީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެވެއެވެ. އަދި ބަންދުގައި ތިބޭ މީހުންނާއި މުވާސަލާތްކުރުމަށް ހުއްދަ ދެވެނީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެންކަމަށްވެސް މި ގަވާއިދުގައި ބަޔާން ކޮށްފައި ވެއެވެ. އަދި މި ބައްދަލުވުންތައް ކުރިއަށްދާ ވަގުތު ފެންނަ ހިސާބުގައި ޖަލު އޮފިސަރަކު ހުރުމަށް މި ގަވާއިދު ލާޒިމްކުރެއެވެ.

މި ގަވާއިދުގައި މަނާކޮށްފައިވާ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެ ގައިދީއަކަށް ނުވަތަ ބަންދު މީހަކަށް ދީފައިވާ ބައްދަލުކުރުމުގެ ހުއްދަ ތިން މަސް ދުވަހަށް ބާތިލުކުރުމުގެ ބާރު ޑައިރެކްޓާ އޮފް ޕްރިޒަން އަށް ލިބިގެންވެއެވެ. ގައިދީން ނުވަތަ ބަންދުގައި ތިބޭ މީހުންނާއި ބައްދަލުކުރަން ދާ މީހުން ކުރުން މަނާ ކަންކަމުގެ ތެރޭގައި ފަސް ކަމެއް ގަވާއިދުގައި ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *