ނޭޝަނަލް އިންޓެގްރިޓީ ޕްލޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އިސް ވެރިންނަށް ހިއްސާ ކޮށްފި.

ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޑިވިޝަން ތަކާއި ސެކްޝަން ތަކުގައި މަސައްކަތްކުރާ ސީނިއަރ އޮފިސަރުންނަށް އިއްޔެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ. މި ބައްދަލު ކުރެއްވުމަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލު ކުރެއްވުމެކެވެ.

މި ބައްދަލުކުރެއްވުމުގައި ނަޒާހަތްތެރި ކަމަކީ ކޮބާ ކަމާއި، ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާ، މަޤްޞަދު ތަކާ، ޕްލޭންގައި ހިމެނޭ ސިޔާސަތު ތަކާ، ސްޓްރެޓެޖީ ތަކާއި އަދި ބައެއް ނަމޫނާ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައި ވެއެވެ. އަދި މި ޕްލޭންގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރެވިދާނެ ކަންތައް ތަކުގެ މައުލޫމާތުވެސް ހިއްސާ ކޮށްފައި ވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ ނޭޝަނަލް އިންޓެގެރިޓީ ޕްލޭން ރަސްމީކޮށް ލޯންޗް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެ ކޮމިޝަނުން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.