ހަތަރު ކޯހެއް ނިންމި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ބޭއްވި ހަތަރު ކޯހަކުން ފާސްވި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މިއަދު މާފުށި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް އަޙްމަދު އާމިރުއެވެ. އަދި މި ރަސްމީއްޔާތުގެ ހާއްސަ މެހެމާނެއްގެ ގޮތުން މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވާ ކޯސްތަކަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި ސެޓްފިކެޓް 1 އިން ސްވިންގ ކޯސް އާއި އެކަޑެމީ ފޯރ ޓްރޭނިންގ އެންޑް ރިސަރޗް އާއި ގުޅިގެން ހިންގި ސެޓްފިކެޓް 2 އިން ވުޑް ކަރވިންގ ކޯސްއާއި އިންސްޓިޓިއުޓް ފޯރ ޤްރުޢާން އެންޑް ސުންނަތް އާއި ގުޅިގެން ހިންގި ސެޓްފިކެޓް 1 އިން ޤިރާތު ކޯހާއި ސެޓްފިކެޓް 2 އިން ޤިރާތު ކޯހެވެ. މި ގޮތުން ސެޓްފިކެޓް 1 އިން ޤިރާތުގެ ބެޗް 2،3،4، ހިންގާފަވާއިރު ސެޓްފިކެޓް 2 އިން ޤިރާތު ބެޗް 2،1 ވަނީ ހިންގާފައެވެ.

ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ދެއްވާފައިވަނީ ޝަރަފްވެރި މެހްމާން ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް އަޙްމަދު އާމިރުއާއި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެޑައިގެންނެވި މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރްއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް އަބްދުލް ލަޠީފް މުޙައްމަދު ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްއެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 89 ގައިދީން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވަނީ މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަންއަށް ހަދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރީހެބިލިޓޭޝަން ފްރޭމްވަރކް ވަނީ ލޯންޗުކޮށްފައެވެ. މި ފްރޭމްވަރކް ލޯންޗްކޮށްދެއްވީ މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރްއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަންސް އޮފިސަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.