މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ރާއްޖެ ވަޑައިގެންފި

މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް، ދެ ދުވަހުގެ ދަތުރުފުޅަކަށް ރޭ ރާއްޖެ ވަޑައިގެންފިއެވެ. އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ސްރީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލައްވަމުންނެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާއި ބައްދަލުކުރެއްވުމުގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރުއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. އަދި މާފުށީ ޖަލުގެ ކަންތައްތައް ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މެލޭޝިޔާ ޕްރިޒަން ޑިޕަރޓްމަންޓްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދޭތެރޭ ގާތްގުޅުމެއް ބާއްވާ އަދި “މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް” (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ޕްރިޒަން އޮފިސަރުން ތަމްރީންކުރުމަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ.

ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް އިކޮނޯމިކްސް އިން ޑިގްރީ ހާސިލްކުރުމަށްފަހު އެ ގައުމުގެ ޕަބްލިކް ސަރވިސްއާ ގުޅިވަޑައިގެންފައިވަނީ 1986 ގައެވެ. އަދި މި ބޭފުޅާއަކީ ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަކޮށް، އަދި މިހާރުވެސް ޖަލުތައް ބެލެހެއްޓުމުގެ ދާއިރާގައި 29 އަހަރަށްވުރެ ގިނަދުވަހުގެ އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ބޭފުޅާވަނީ އާސިއާން ގޭމްސް ފަދަ މުބާރާތްތަކުގައި މެލޭޝިއާގެ ކުޅިވަރު ޓީމްވެސް މެނޭޖްކުރައްވާފައެވެ.