މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން ބަލަހައްޓަނީ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޖަލުތަކުގައާއި ރިމާންޑް ސެންޓަރުތަކުގައި ގައިދީން ބަލަހައްޓަމުން ގެންދަނީ އެ ފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށެވެ.

ދިވެހިރާއްޖެއިން ވަނީ 20 އޭޕްރިލް 2004ގައި، ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ “އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބުދިނުމާއި ދެކޮޅު މުޢާހަދާ” ތަސްދީޤުކޮށްފައެވެ. މި މުޢާހަދާގައި ޓޯޗަރއަކީ ކޮބައިކަން މާނަކުރުމުގެ އިތުރުން ލާއިންސާނީ އަދި ދަށުދަރަޖައިގެ އެންމެހައި ޢަމަލުތައް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މަނާކުރުމަށް ސަރުކާރަށް ލާޒިމުކުރެއެވެ. މީގެ އިތުރުން ގާނޫނު ނަންބަރު 2013/14 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 2 ވަނަ މާއްދާ ގެ (ނ) ގައި، ގައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ގާއިމުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް މަޖުބޫރުކުރެއެވެ.

އެހެން ކަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގައިދީން ބެލެހެއްޓުމުގެ އުސޫލުތައް އެކުލަވާލާފައިވަނީ ގާނޫނު ނަންބަރު 2013/14 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެންޓި-ޓޯޗަރ ގާނޫނާއި އަދި ގުޅުންހުރި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގައިދީންގެ އިންސާނީ ހައްގުތައް ރައްކާތެރިވާގޮތަށެވެ.

މިގޮތަށް އަމަލު ކުރޭތޯ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، ޖަލުތަކާއި ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެ ތަންތަނުގައި ކަންތައް ހިނގަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ  ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ ބަލައި ޗެކްކުރެއެވެ.

އަދި މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ބައިނަލްއަގުވާމީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުން ޖަލުތަކަށް ޒިޔާރަތްކޮށް ޖަލުތަކުގައި ކަންތައްތައް ކުރިއަށްދާގޮތް ދަނީ ޗެކްކުރަމުންނެވެ.