ކޮންމެ ކަމެއްވެސް ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްތިމާސް ކުރައްވައިފި

ޕްރިޒަން އޮފިސަރުން ކުރާ ކޮންމެ ކަމެއްވެސް އިހްލާސްތެރިކަމާއި، ތެދުވެރިކަމާ އަދި ނަޒާހަތްތެރިކަމާއެކު ކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަލީ ފަޒާދު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ހަތަރުވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނާއި ތިން ކޯހަކުން ފާސްވި އޮފިސަރުންނަށް ސެޓްފިކެޓް ދިނުމަށް މާފުށި ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޢަލީ ފަޒާދު ވިދާޅުވީ “އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންކަމުގައިވާހިނދު ތެދުވެރިކަމަކީ ދީނުގައިވެސް ވަރަށް ބޮޑަށް ބާރު އަޅާކަމެއް. އެހެންކަމުން ޖަލު އޮފިސަރުންނާ މުޖްތަމައުގެ ކޮންމެ މީހަކުވެސް ސާފުސީދާ ބަޔަކަށް، ނަޒާހަތްތެރި، ތެދުވެރި ބަޔަކަށް ވާން ޖެހޭ”. އަދި  ޖަލުތަކަށް އަންނަ ގައިދީންނަކީ އަނބުރާ މުޖްތަމައުއަށް ދާންޖެހޭ ބައެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރާ ހިނދު، މުޖްތަމައުގައި މަސައްކަތްކުރާނެ އަދި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގައި އައިކޯސްޓްއިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެމަނިކުފާނު، ޕްރިޒަން އޮފިސަރުންގެ ކެތްތެރިކަން ފާހަގަކުރައްވާ އިތުރަށް ވިދާޅުވީ ގައުމަށް ހިދުމަތްކުރުމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި މި ކަމަކީ ހުރިހާ އެންމެން އަތުގުޅައިގެން ކުރެވޭ މަސައްކަތަކަށް ހަދަން ޖެހޭ ކަމެއްކަމަށެވެ.