ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯސް މާފުށި ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން  ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯސް މާފުށި ޖަލުގައި މިއަދު ފަށައިފިއެވެ.

މިކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ސަރޖަންޓް އަދި ސްޓާފް ސަރޖަންޓް ރޭންކްތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގައި ޖުމްލަ 48 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  ގެ މުދައްރިބުންނެވެ.

މިކޯހުގައި ޖަލުގެ މިނިމަމް، މީޑިއަމް އަދި މެކްސިމަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ޤައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ޤައިދީންނަށް އިނާޔަތްތައް ދިނުމުގައި ޢަމަލުކުރައްޖެހޭ ގޮތްތަކާއި، ޔުނިޓްތަކުގައި ޑިއުޓީކުރާ އޮފިސަރުން މެނޭޖްކުރާނެ ގޮތާއި، ޤަނޫނީ ގޮތުން ޤައިދީންނަށް ލިބިދޭ ހައްޤުތައް ކިޔަވައިދެވޭނެއެވެ. އަދި ޤާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް ކިޔަވައިދެވޭނެއެވެ.

މީގެއިތުރުންވެސް އޮފިސަރުންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތަކެއް މިއަހަރު ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން އޮފިސަރުންނަށް އަމާޒުކޮށްގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް ތައްޔާރުވަމުންދާކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް  އިން މަޢުލޫމާތު ދެއްވައެވެ.