ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

ކޮމިޝަނަރ މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރެއްވީ ރޭ މެންދަމު އެޖަލުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލައްވައި އެ ތަންތަނަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށެވެ. މީގެ އިތުރުން ކޮމިޝަނަރ ވަނީ އެ ސަރަހައްދުގައިވާ އޮފިސަރުންގެ ބެރެކްސްވެސް ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މާފުށީ ޖަލުގައި ހުންނަ ފިހާރައިގައި ރޭ 2:57 ހާއިރު އަލިފާންރޯވުމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަޔަރ ޓީމުން ވަނީ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިންވާލާފައެވެ. މި ހާދިސާގައި ފިހާރައާއި ފިހާރައިގެ އިމުން ހުންނަ ގުދަން އެއްކޮށްހެން ވަނީ އަނދާފައެވެ. އަދި މި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުންނަ މުވައްޒަފުންގެ ބްލޮކެއްވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވިނަމަވެސް ޖަލު އޮފިސަރުންގެ ބައެއް ތަކެއްޗަށްވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.