ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ވެރިންނާއި ބައްދަލުކޮށްފި

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ވެރިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

މިބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުން ތައާރަފްވުމާއި ދެ މުވައްސަސާއަށް ޤާނޫނުތައް ލާޒިމްކުރާ މަސްއޫލިޔަތު ތަކާބެހޭގޮތުން މަޢުލޫމާތު ބަދަލުކުރުމެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަންތައްތައް ހިންގާގޮތުގެ މަޢުލޫމާތު އޮޅުންފިލުވައި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ކަންކަމުގައި އެއްބާރުލުން ދިނުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މިބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ބައިވެރިވެވަޑައިގެންފައިވާއިރު، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ފަރާތުން ބައިވެރިވެލެއްވީ އެ ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ފަރުހާދުއާއި، ނާއިބު ރައީސް އަލްފާޟިލް ޔޫސުފް މާނިއު މުޙައްމަދާއި މެމްބަރުން އަލްޢުސްތާޛް ޙައްސާން ޙަމީދުއާއި އަލްޢުސްތާޛާ ޚަދީޖާ ޢަބްދުﷲއެވެ.