މާލެ ޖަލު އިނިސްޕެކްޓްކުރުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑް އިން މާލެ ޖަލު އިނިސްޕެކްޓްކުރުގެ މަސައްކަތް  މިއަދު ފައްޓަވައިފިއެވެ.

މިމަސައްކަތުގެ މަޤްޞަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލުތަކާއި، ޑިޓެންޝަން ސެންޓަރުތައް ހިގަމުންދަނީ “ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ ދަށުން ހެދިފައިވާ ޤަވައިދުތަކާ އެއްގޮތައްތޯ ބަލާ ކަށަވަރު ކުރުމާއި ހެދިފައިވާ ޤަވާއިދުތަކާ ފުށުއަރާ ކަންކަން ފާހަގަކޮށް އެކަންކަން ޖަލުތަކުގެ ޑައިރެކްޓަރުންގެ ސަމާލުކަމަށް ގެނެސް ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ހިއްސާކުރުމެވެ. އަދި ޖަލުތައް ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ޖަލުތައް ހިންގާ ނިޒާމަށް ފާރަވެރިވުމެވެ. އެހެންކަމުން މިމަސައްކަތުގެ ސަބަބުން ޖަލުތަށް ހިންގުމުގައި ހުރި ގޮންޖެހުތައް ދެނެގަނެވި މިކަންކަން ހައްލުކުރުމަށް ފަސޭހަވެގެން ދާނެކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވިއެވެ.

އަދި މިހާރު ކުރިއަށް މިގެންދާ ޖަލުތައް އިނިސްޕެކްޓްކުރުމުގެ މަސައްކަތް ނިންމުމަށްފަހު އިސްލާޙް ކުރަންޖެހޭ ކަމަށް ފެންނަ ކަންކަން ޖަލުތަކުގެ ޑައިރެކްޓަރުން އިސްލާޙް ކޮށްފައިވާ މިންވަރު ބެލުމަށް ރިވިއު ޕްރޮގްރާމްތަކެއް ރޭވިފައިވާ ކަމަށާއި، މީގެއިތުރުންވެސް އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އާއި ލީގަލް ސެކްޝަން ގުޅިގެން ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ޖަލު އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާފައިވާކަމަށްވެސް އެސް.ޕީ އާސިފް ވިދާޅުވިއެވެ.

މިމަސައްކަތުގެ ދަށުން މިހާރު އައްސޭރިޖަލު އިނިސްޕެކްޓްކޮށް ނިންމާފައިވާއިރު، މާފުށި ޖަލު އިނިސްޕެކްޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެއެވެ.

އެތިކްސް އެންޑް ޕްރޮފެޝަނަލް ސްޓޭންޑަރޑްއަކީ މޯލްޑިވްސް ކަރެކްޝަންލް ސަރވިސްގެ އޮފިސަރުންގެ ސުލޫކީ މިންގަނޑު ހިއްފެހެއްޓުމުގެ އެންމެހާ މަސައްކަތްތަކާއި، ޤާނޫނާއި ޤަވައިދުތަކަށް އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކޮށް، އޮފިސަރުންގެ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، މިސަރވިސްގެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ތަރައްޤީކުރުމަށް ބޭނުންވާ ޚިޔާލުތައް ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ހުށައެޅުމަށް ކޮމިޝަނަރ އުފައްދަވާފައިވާ ސެކްޝަނެކެވެ.