ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސް ފަރުވާއަށް އިތުރުކުރި 30 ދުވަސް ބާތިލްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސް ފަރުވާއަށް އިތުރުކުރި 30 ދުވަސް ބާތިލްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމްއެވެ. މި ބައްދަލުވުމުގައި އޮފެންޑަރ ސަރވިސަސް މެނޭޖްމަންޓް ހިންގުމާއި ހަވާލުވެ ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީގެ އިތުރުން ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛް ޢަބްދުﷲ ޒާހިރުވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ވިދާޅުވިގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭސް ފަރުވާއަށް މުއްދަތް އިތުރުކޮށްފައިވަނީ އެމަނިކުފާނު އޮޕަރެޝަނެއް ކުރުމަށް ޖެހޭކަމަށް ވިދާޅުވެ ލިޔެކިއުންތައް ހުށަހެޅުމުންނެވެ. އަދި އިތުރުކުރި މުއްދަތް ބާތިލްކޮށްފައިވަނީ އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ލިޔުމުގައި ބަޔާންކޮށްފައިވާ ފަދަ ސަރޖަރީއެއްޝެޑިއުލް ކުރެވިފައިނުވާކަމަށް ދެންނެވުމުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.