މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޙައްޖު ކޯޕަރޭޝަނާއެކު މަޝްވަރާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ޙައްޖާއި ޢުމްރާގެ މާތް އަޅުކަން އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް “މުވައްޒަފުންގެ ސްކީމް” ތަޢާރަފްކުރުމާބެހޭގޮތުން ހައްޖު ކޯޕަރޭޝަނާއެކު އިއްޔެ މަޝްވަރާކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި މިބައްދަލުވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވެލެއްވީ މާކެޓިންގ މެނޭޖަރ އަލްފާޟިލް ހަސަން ސިނާންއާއި އަލްފާޟިލާ އާމިނަތު ޝަރުމާއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްއާއި، ސުޕަރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއާއި ޑެޕިއުޓީ ސުޕަރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދުގެ އިތުރުން ޗީޕް ޕްރިޒަންސް އޮފިސަރ އަޙްމަދު ސޮބާހުއެވެ.

ޙައްޖު ކޯޕަރޭޝަނުން ތައާރަފްކުރި މި ސްކީމުގައި އޮފީސްތަކާއި ކުންފުނި ފަދަ ތަންތަނުން މުވައްޒަފުންގެ މުސާރައިން ކަނޑައެޅިފައިވާ ވަކި މިންވަރެއް، އެ އޮފީސް ނުވަތަ ކުންފުނިތައް މެދުވެރިކޮށް އެ ކޯޕަރޭޝަނަށް ޖަމާކުރަމުންގޮސް ޙައްޖު އަދި ޢުމްރާ ދަތުރަށްވާ ފައިސާ އަދާކޮށް ނިންމުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ޙައްޖާއި ޢުމްރާގެ މާތް އަޅުކަމަށް އަހުލުވެރިކުރުންވެސް ހިމެނެއެވެ.