އައްސޭރި ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް މަރާމާތު ކުރުމުގެ މަސައްކަތް ދަނީކުރިއަށް.

އައްސޭރި ޖަލުގައި ގައިދީން ގައު އެޅުމުގެ މަސައްކަތް ކުރަނީ

އައްސޭރި ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް މަރާމާތުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އައްސޭރި ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުން އެ ޖަލުގެ އެލަވަންސް ވަޒީފާގައި މަސައްކަތްކުރާ ގައިދީންނެވެ. އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގެ މަރާމާތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މި ޔުނިޓް ބަންދުކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް 04 އޭޕްރިލް 2016 ގައި ނިންމަވާފައިވަނީ، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މުޙައްމަދު އިބްރާހިމް އައްސޭރި ޖަލަށް ޒިޔާރަތްކުރައްވައި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ބައެއް ކަންތައްތައް އިސްލާހުކުރުމަށް ފާހަގަކުރައްވާފައިވުމާއި ގުޅިގެން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރުގެ ލަފާފުޅުގެ މަތިންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަބަދުވެސް މަސައްކަތްކުރަނީ ގައިދީންނަށާއި މުޖްތަމައުއަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ.