ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމް ގައި ބައިވެރިވުމަށް ހަތަރު އޮފިސަރުން މެލޭޝިޔާއަށް ފުރައިފި

އޭޕްރިލް މަހުގެ 01 ން 27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހަތަރު ޕްރިޒަންސް އޮފިސަރުން ރޭ މެލޭޝިއާ އަށް ފުރައިފިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ “މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް” (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ކޮންމެ އަހަރަކު ދެފަހަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ޖަލުތަކުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ޖަލުތައް މެނޭޖްކުރާ ގޮތްތަކާއި، ގައިދީން ރިހެބިލިޓޭޓް ކުރުމަށްޓަކައި ބޭރު ގައުމުތަކުގެ ޖަލުތަކުގައި އަމަލުކުރަމުންގެންދާ ގޮތްތަކާއިބެހޭ މައުލޫމާތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ޖަލުތައް މިހާރަށްވުރެން ބޮޑަށް ހަރުދަނާ ކުރުމަށް ބޭނުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވަނީ ސީނިއަރ ޕްރިސަންސް އޮފިސަރ ޢަލީ ޒަމީލާއި ފަރސްޓް ކްލާސް ޕްރިސަންސް އޮފިސަރ އިބްރާހިމް ޚަލީލާއި  ކޯޕްރަލް ފާތިމަތު ޒޫނާގެ އިތުރުން ލާންސް ކޯޕްރަލް މަރިޔަމް ޝަބީނާއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޕްރިޒަންސް އޮފިސަރުން މި ތަމްރީން ފުރިހަމަކުރުމަށްފަހު، ޖަލުތަކުގައި ހިންގުމަށް ބޭނުންވާ ތަފާތު ޕްރޮގްރާމްތައް ރާވާ، މޮޑިއުލް ތައްޔާރުކޮށް، ތަމްރީނާއި ގުޅުންހުރި ދާއިރާތަކަށް އަމާޒުކޮށް ޖަލުތަކުގައި ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރާނެއެވެ.