އައްސޭރި ޖަލުގައި ގައިދީންނަށް ނަމާދުގެއަކާއި މެސް ރޫމެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އައްސޭރި ޖަލުގެ އިންޑަސްޓްރިއަލް ޒޯންގައި ގައިދީންނަށް ނަމާދުގެއަކާއި މެސް ރޫމެއް އިމާރާތްކުރުމުގެ މަސައްކަތް ހަލުވި ކަމާއެކެ ކުރިއަށް ގެންދާކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އިން ބުނެފިއެވެ.

އެމްސީއެސްއިން ބުނިގޮތުގައި ޤައިދީން އުޅޭ އިންޑަސްޓްރިއަލް ޒޯންގައި މެސް ރޫމްއަކާއި ނަމާދުގެއެއް ހެދުމުން ގައިދީންނަށާއި އޮފިސަރުންނަށް ވަގުތު ސަލާމަތްކުރެވި، މަސައްކަތުގައި ހޭދަކުރާވަގުތު އިތުރު ކުރެވިގެންދާނެއެވެ. އަދި ދަނޑުގައި ބޭނުންކުރާ ތަކެތި ރައްކާކުރާނެ އިމާރާތެއްގެ ދަތިކަން ހުރުމުން އެސަރަހައްދުގައި ތަކެތި ރައްކާކުރާނެ ތަނެއް ހަދަމުންދާކަމަށާއި، އެތަން ހެދުމުން ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ދާނެކަމަށްވެސް އެމް.ސީ.އެސް އިން މައުލޫމާތުދެއެވެ.

މި އިމާރާތްތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އައްސޭރި ޖަލު ގައިދީންނާއި އޮފިސަރުން ގުޅިގެންނެވެ. މިގޮތުން އަލަށް ހަދާ އިމާރާތްތަކަށް ބޭނުންވާ ވެލި ނެގުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އޮފިސަރުންގެ ބެލުމުގެ ދަށުން ގައިދީންނެވެ. ވެލި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކައުންސިލުން ހުއްދަ ދީފައިވާ ސަރަހައްދުގައި ފީނައިގެންކަމަށާއި މިގޮތަށް މަސައްކަތް ކުރިއަށް ގެންދަނީ ހަރަދުކުޑަކުރަން ކަމަށްވެސް އެމް.ސީ.އެސް އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އައްސޭރި ޖަލުގައި ޤައިދީނަށް ހިންގާ ކޯސްތަށް ހިންގުމަށް ކްލާސް ރޫމްއަކާއި ޤައިދީންނަށް އެކަހެރި ގެއެއްވެސް ގެންދަނީ އިމާރާތް ކުރަމުންނެވެ.