އެމް.ސީ.އެސް އާއި އެސް.ޓީ.އޯ އާއި ދެމެދު މާފުށީ ޖަލުގެ ބައުންޑަރީ ވޯލްއަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އާއި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ދެމެދު މާފުށީ ޖަލުގެ ބައުންޑަރީ ވޯލްއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މާފުށީ ޖަލުގައި ޢިމާރާތް ކުރެވެމުންދާ ބައުންޑަރީ ވޯލްއަށް ބޭނުންވާ ސިމެންތިއާއި ހިލަ އަދި ހިލަވެލި ސަޕްލައިކޮށްދިނުމަށްވަނީ އެއްބަސް ވެފައެވެ.  މިއަދު ހެނދުނު އެސް.ޓީ.އޯ ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމް.ސީ.އެސް ގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް އެވެ. އަދި އެސް.ޓީ.އޯ ގެ ފަރާތުން މި އެބަސްވުމުގައި ސޮއިކުރެއްވީ، އެސް.ޓީ.އޯ ގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް ވިދާޅުވީ މިއީ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، މި ޕްރޮޖެކްޓަކީ ސީދާ ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމުގައެވެ. މި މަސައްކަތަށް ބޭނުންވާ ހުރިހައި މެޓީރިއަލް އެއް އެސް.ޓީ.އޯ މެދުވެރިކޮށް ހޯދި ކަމުގައި ވިޔަސް މި މަސައްކަތް ކުރާނީ އެމް.ސީ.އެސް ގެ ބެލުމުގެ ދަށުން ޤައިދީން ލައްވައި، ޤައިދީންނަށް އުޖޫރަ ދޭގޮތަށް ކަމުގައި ކޮމިޝަނަރ ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ކޮމިޝަނަރ ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ޕްރޮޖެކްޓް ގެ ސަބަބުން ޖަލުގެ ސެކިއުރިޓީ އިތުރަށް ފުރިހަމަ ވެގެން ދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ކޮމިޝަނަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އެސް.ޓީ.އޯ ގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވީ އެސް.ޓީ.އޯ އަށް އިތުބާރު ކުރައްވައި މިފަދަ ބޮޑު ޕްރޮޖެކްޓެއް ދެއްވިކަމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.

“ޕްރޮޖެކްޓަށް ބޭނުންވާ ހުރިހައި މެޓީރިއަލް އިރާދަކުރެއްވިއްޔާ ބޭނުންވާ ވަގުތަށް އެތަކެތި ފޯރުކޮށްދޭނަން” ޢާޒިމް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ކުރިއަށް ގެންދާ ވޯލް ޕްރޮޖެކްޓްގެ ބިންގާ އަޅާފައިވަނީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓަރ ޢުމަރު ނަސީރު ފައްޓަވައިދެއްވި މި މަސައްކަތް ކުރަމުންގެންދަނީ އެމް.ސީ.އެސް ގެ ބެލުމުގެ ދަށުން ޤައިދީން ބޭނުންކޮށްގެންނެވެ. މި މަސައްކަތުގައި 150 ޤައިދީން ޙަރަކާތްތެރި ވާނެކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ. ޤައިދީން ލައްވައި މަސައްކަތް ކުރުވަނީ އުޖޫރަ ދޭގޮތަށް ކަމަށާއި، އެކަމުގެ ސަބަބުން ޤައިދީންގެ ޢާއިލާ ތަކަށް ފައިދާވަމުން ދާނެކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި އެމް.ސީ.އެސް ގެ ކޮމިޝަނަރ ގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޙަސަން ޒިލާލް އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެސް.ޓީ.އޯ ގެ މެނޭޖިންގ ޑިރެކްޓަރ ގެ އިތުރުން އެސް.ޓީ.އޯ ގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.