އައްސޭރި ޖަލުގައި ހިންގި އަތްތެރިކަމުގެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމް 1 ނިމިއްޖެ

އައްސޭރިޖަލާއި އަދި މާފުށީ ޖަލުގައި ޙުކުމްތަންފީޛު ކުރަމުންދާ ފަރާތްތަކަށް އަތްތެރިކަމުގެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ލަކުޑިން ކުދި ދޯނި ހަދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް 1 މިއަދު ނިމިއްޖެއެވެ. މި ޕްރޮގްރާމް ހިންގިފައިވަނީ މާފުށީ ޖަލާއި އައްސޭރި ޖަލުގެ މުވައްޒަފުންނާއި ޤައިދީންނަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 8 ޕްރިޒަންސް އޮފިސަރުންނާއި 15 ޤައިދީންނެވެ. އެއީ މާފުށީ ޖަލުގެ 2 އޮފިސަރުންނާއި 5 ޤައިދީންގެ އިތުރުން އައްސޭރި ޖަލުގެ 6 އޮފިސަރުންނާއި 10 ޤައިދީންނެވެ.

މި ޕްރޮގްރާމަކީ 3 ދުވަހުގެ މުއްދަތަށް ހިންގާފައިވާ ޕްރޮގްރާމެކެވެ. އަތްތެރި ކަމުގެ މަސައްކަތް ދަސްކޮށްދިނުމުގެ މި ޕްރޮގްރާމްގައި ކިޔަވައި ދެއްވީ ކ. ހިންމަފުށީ އަނބުމާގެ / އަޙްމަދު މޫސާއެވެ. އަޙްމަދު މޫސާ މި މަސައްކަތް ދަސްކޮށްދެއްވަނީ ޤައިދީންނަށް އަތްތެރި މަސައްކަތް ދަސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއިއެކު ވެފައިވާ  އެއްބަސްވުމެއްގެ ދަށުންނެވެ.

އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތް ދުވަސްތަކުގައި އެހެނިހެން ޖަލުތަކުގައިވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.