އެންޓްރީ ލެވެލް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމުގެ 2 ވަނަ ކޯސް ނިމިއްޖެ

ޕްރިޒަން އެކަޑަމީ އިން ހިންގި “އެންޓްރީ ލެވެލް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމް ކޯސް 2″ ރޭ ނިމިއްޖެއެވެ. މި ރަސްމިއްޔާތު އޮތީ މާފުށީ ޖަލުގެ ޖަލްސާކުރާ ހޯލްގައެވެ.

އެންޓްރީ ލެވެލް ދެވަނަ ރިފްރެޝަރ ކޯސް ނިންމި އޮފިސަރުންނަށް ހަނދާނީލިޔުން ބައްސަވައިދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

ޝަރަފްވެރި މެހެމާން ޓްރެއިނިންގ ނިންމި އޮފިސަރުންނާއި މުޚާތަބު ކުރައްވައި ރޭ ވިދާޅުވީ މި ކޯހުގައި ހުރިހައި އޮފިސަރުންވެސް ދަސްކުރި އެއްޗެއް ޢަމަލީ މައިދާނުގައި ބޭނުންކުރުން ވަރަށް މުހިންމު ކަމުގައެވެ. އެހެންނޫނީ ކިޔަވާ އެއްޗެއްގެ މާބޮޑު ބެނުމެއް ނެތްކަމުގައެވެ. އަދި ހުރިހައި އޮފިސަރުންވެސް ރަނގަޅު ނަމޫނާ ދައްކާބަޔަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ރޫޙް ހުރިހައި މުވައްޒަފުންގެ ތެރޭގައިވެސް ގެންގުޅެން ޖެހޭކަމުގައެވެ. އެކަމަކީ މީގެކުރިން މި މުއައްސަސާގައި އޮތްކަމެއް ކަމަށާއި، ނަމަވެސް މިހާރު އެކަން ނެތި ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެ ކަމުގައެވެ. އެހެންކަމުން އަލުން އެކަމުގައި މާޒީއަށް ނުބަލައި ހުރިހައި އޮފިސަރުންވެސް އަދަބު އިޙްތިރާމް އޭގެ އެންމެ ރަނގަޅު ގޮތުގައި ކުރުމަށާއި އެކަން ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތްކުރާ ހުރިހައި އޮފިސަރުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެންޓްރީ ލެވެލް ދެވަނަ ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމްގައި 25 އޮފިސަރުން ބައިވެރިވެފައި ވެއެވެ. އަދި ބައިވެރިވި ހުރިހައި އޮފިސަރުންވެސް ޓްރެއިނިންގ ގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާކަން ކޯހުގެ ޗީފް އިންސްޓްރަކްޓަރ ކޯސް ރިޕޯރޓް އިއްވަމުން ވިދާޅުވިއެވެ. މިކޯހުގައި ޖުމްލަ 24 މާއްދާއިން 45 މިނިޓްގެ 69 ކްލާސް ނަގާދީފައި ވެއެވެ.

މި ރަސްމިއްޔާތުގައި ޑައިރެކްޓަރ އޮފް އެކަޑަމީ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މޫސާ އަންވަރު އާއި މާފުށީ ޖަލުގެ ޗީފް ސްޕްރިންޓެންޑެންޓް އިންސްޕެކްޓަރ އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު ގެ އިތުރުން ޕްރިޒަން އެކަޑަމީގެ މުދައްރިބުންނާއި މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް ބޭފުޅުންނާއި އިތުރު އޮފިސަރުން ބައިވެރިވިއެވެ.