މާފުށީ ޖަލާއި އީ.އެސް.ޖީ ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން ޢާއިލީ ހަވީރު މިއަދު ބާއްވަފި

މާފުށީ ޖަލުގެ އަހަރީ ދުވަހާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި މިއަދު ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

މާފުށީ ޖަލުގެ ޗީފް ސްޕްރިންޓެންޑެންޓް، އިންސްޕެކްޓަރ އޮފް ޕްރިޒަންސް އިބްރާހީމް ނާޝިދު ވިދާޅުވީ ޢާއިލީ ހަވީރު ބޭއްވުމުގެ މަޤްޞަދަކީ ޕްރިޒަންސް އޮފިސަރުންނަކީ ޢާއިލާއާއި ދުރުގައި ވަރަށްގިނަ ވަގުތު ހޭދަކުރާ ބައެއްކަމަށްވާތީ، ޢާއިލާއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށެވެ. އަދި މުވައްޒަފުންނާއި މެދު އޮންނަ ގުޅުން ބަދަހިކުރުމާއި ޖަލަކީ އަމާން ތަނެއްކަން އަންގައިދިނުން ކަމަށެވެ.

މި ޢާއިލީ ހަވީރަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހައި މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ޢާއިލީ ހަވީރެކެވެ. ޢާއިލީ ހަވީރުގައި ތަފާތު ވައްތަރުގެ ކުޅިވަރު ސްޓޯލްތައް ތައްޔާރުކޮށްފައިވެއެވެ. އަދި ސްޓޯލުގެ ކުޅިވަރުތަކުގައި ބައިވެރިވެ އިނާމް ހޯދުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ. އަދި ޢާއިލީ ހަވީރަށް މާފުށީގެ ގެސްޓްހައުސް ތަކުން ބައެއް ފަތުރުވެރިންނަށް ވަނުމުގެ ފުރުޞަތުވަނީ ދީފައެވެ. އަދި މާފުށީ ޕްރީސްކޫލް ކުދިންގެ ފަރާތުން ވަނީ ސްޓޭޖް އައިޓަމްތަކެއް ހުށަހަޅާ ދީފައެވެ.

maafushi anniversary1

މި ޢާއިލީ ހަވީރުގައި ކަލްޗަރަލް ވިލެޖެއް ވަނީ ތައްޔާރުކޮށްފައެވެ. މި ވިލެޖްގައި ކުރީ ޒަމާނުގައި ކާބަފައިން ކޮށްއުޅުނު މަސައްކަތްތަކާއި ދިރިއުޅުން ހުރި ގޮތްތައް ވަނީ ވަރަށް ފުރިހަމައަށް ދައްކާދީފައެވެ.

މާފުށީ ޖަލުގައި މިއަދު ހަވީރު ކުރިއަށްދިޔަ ޢާއިލީ ހަވީރަށް ގާތްގަނޑަކަށް 1000 އަށްވުރެން ގިނަ ބޭފުޅުން ޒިޔާރަތް ކޮށްފައިވެއެވެ. އަދި މި ޢާއިލީ ހަވީރަކީ ވަރަށް ކާމިޔާބު ޢާއިލީ ހަވީރެއްކަމަށާއި މުވައްޒަފުން މި ޢާއިލީ ހަވީރަށް ކުރި ބުރަމަސައްކަތް ފާހަގަކޮށް އެ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް އަހަރީ ދުވަހުގެ ކަންތައްތައް އިންތިޒާމް ކުރާ ކޮމެޓީގެ ރައީސް، ކޯޕްރަލް ޢަބްދުﷲ އަމީން ވިދާޅުވިއެވެ.