މާފުށީ ޖަލާއި އީ.އެސް.ޖީ ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން “ޑިނަރ ނައިޓް” ބާއްވަފި

މާފުށީ ޖަލުގެ އަހަރީ ދުވަހާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި ޑިނަރ ނައިޓް ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން 01 ނޮވެމްބަރ 2013 ން 31 އޮކްޓޯބަރ 2014 ގެ ނިޔަލަށް އެންމެ ރަނގަޅަށް ފަރުވާތެރިކަމާއެކު މަސައްކަތްކުރި 36 އޮފިސަރަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ސެޓްފިކެޓް ބައްސަވައި ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އާއި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ވިދާޅުވީ އަޅުގަނޑުމެންގެ އޮފިސަރުންނަކީ ވަރަށް ކެރޭ ހީވާގި، ކުރަން ނިންމައިފި ކަމެއްވިއްޔާ ކެރިގެން ކުރާނެ އޮފިސަރުންތަކެއް ކަމަށާ، އަޅުގަނޑުމެންގެ އޮފިސަރުން މިތަނުގައި ތިބިހާ ހިނދަކު މިތަނުގައި ނުރައްކާތެރި ހާދިޘާއެއް ނުހިނގާނެ ކަމަށެވެ.

“ޤައުމާ ވަޠަންދެކެ ލޯބިވާ ދަރިން އެމް.ސީ.އެސް ގައި މިހާރު ތިބިކަން އަޅުގަނޑު ޤަބުލުކުރަން” ކޮމިޝަނަރ ވިދާޅުވިއެވެ.

Maafushi ESG dinner 1 - Copy

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ދިވެހި ސިފައިންނާއި، ފުލުހުންނާއި އަދި ކެޑޭޓުން ޕެރޭޑް ކުރާނަމަ، 2015ވަނަ އަހަރުގެ މިނިވަންދުވަހުގައި ޕެރޭޑްކުރަން ބޭނުންކަމަށެވެ. މިކަން އަޅުގަނޑުމެންގެ އޮފިސަރުން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް ކަމުގައެވެ.

“މިތާ މިތިއްބެވީ އަޅުގަނޑުމެންގެ މައިން، ބަފައިން، ދަރިން.. ތިބޭފުޅުންނަށް އިޙްޞާސް ކުރެއްވުނުތޯ މީ ނުރައްކާތެރި ތަނެއްގެ ގޮތުގަ، ނުކުރެއްވޭނެ އިނގޭތޯ..” ކޮމިޝަނަރ ވިދާޅުވިއެވެ.

ރޭ މާފުށީ ޖަލުގައި ކުރިއަށްދިޔަ މި ޑިނަރ ނައިޓްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އާއި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ހެޑް އޮފީހުގެ އިސްވެރިންނާއި މާފުށީ ޖަލުގެ އިސްވެރިންގެ އިތުރުން މުވައްޒަފުންގެ ޢާއިލާތަކުން ގިނައަދަދެއްގެ ބޭފުޅުން ބައިވެރިވެފައިވެއެވެ.

ޑިނަރ ނައިޓް ކުރިއަށްދިޔައީ މާފުށީ ޖަލުގެ މުވައްޒަފުންނާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ފަރާތުން ހުށަހަޅާދިން އައިޓަމް ތަކަކާ އެކުގައެވެ.