ޕްރިޒަން އެކަޑަމީ އާއި ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެން ހިންގި “ޓްރެއިނިންގ ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމް ނިމިއްޖެ

ޕްރިޒަން އެކަޑަމީ އާއި ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެން 25 ނޮވެމްބަރ 2014 އިން 26 ނޮވެމްބަރ 2014 އަށް މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ “ޓްރެއިނިންގ ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމް މިއަދު ނިމިއްޖެއެވެ.

ޕްރިޒަން އޮފިސަރުންނަށް ދެދުވަހުގެ މުއްދަތަށް ހިންގުނު މި ޕްރޮގްރާމްގައި އިންސާނީ ޙައްޤުތަކާ ބޭހޭ ސެޝަންތަކުގައި މަޢުލޫމާތު ހިއްސާ ކުރެވިފައިވަނީ އިންސާނީ ޙައްޤުތަކުގެ މައްޗަށާއި އެންޓި-ޓޯޗަރ ޤާނޫނުގެ މައްޗަށެވެ. އަދި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޒިންމާ އާއި ޕްރިޒަން އޮފިސަރުންގެ މަސްއޫލިއްޔަތުގެ މައްޗަށްވެސް އަލިއަޅުވާލައި ވަނީ މަޝްވަރާ ކޮށްފައެވެ.

އަދި ދިވެހިރާއްޖޭގައި އިންސާނީ ޙައްޤު މާނަކުރާގޮތާއި އަދި ޙައްޤުތަކާ، ޤާނޫނު އަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާ ޤަރާރުތަކަށާ، އަދި ބައިނަލްއަޤްވާމީ އުސޫލުތަކަށްވެސް ކުރުގޮތަކަށް އަލިއަޅުވާލާ މަޢުލޫމާތު ހިއްސާ ކޮށްފައިވެއެވެ. މި ގޮތުން އިންސާނީ ޙައްޤުތަކުގެ ޢާންމު ޤަރާރާއި، ޤާނޫނޫއަސާސީގެ ދެވަނަ ބާބުގެ ވާހަކައާއި، ސްޓޭންޑާޓް މިނިމަމް ރޫލްސް ފޯރ ޕްރިޒަނާސްއާއި ބޭހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި އަނިޔާ ހުއްޓުވުމަށްޓަކައި އެކުލަވާލެވިފައިވާ އެންޓިޓޯޗަރ ޤާނޫނުގައިވާ މުހިންމު ނުކުތާތަކަށްވެސް މި ސެޝަންގައި އަލިއަޅުވާލެވި މަޝްވަރާކޮށްފައި ވެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ދެބޭފުޅުންނެވެ.

މި ޕްރޮގްރާމް ނިންމުމުގެގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން ގެ ފަރާތުން ޚަދީޖާ ލިމްޔާ ވިދާޅުވީ ޖަލުތަކުގެ ޕްރިޒަން އޮފިސަރުންނަށް މި ޕްރޮގްރާމް ހިންގުން ވަރަށް މުހިންމު ކަމަށާ، ޕްރިޒަން އެކަޑަމީގެ ފަރާތުން މި ޕްރޮގްރާމް ރާވައި ހިންގާދިނީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

ޕްރިޒަން އެކަޑަމީގެ ފަރާތުން ލާންސްކޯޕްރަލް މުޙައްމަދު ނިޝްވާން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން މިފަދަ ޕްރޮގާރާމެއް ހިންގާދެއްވީތީ ޝުކުރު އަދާކުރާކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް އެބަހުރިކަމަށާ، ހިއުމަން ރައިޓްސް ކޮމިޝަން އާއި ގުޅިގެން ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ކަމުގައެވެ.

މި ޕްރޮގްރާމްގައި އެކި ޖަލުތަކުން 14 އޮފިސަރުން ބައިވެރިވެފައި ވެއެވެ.