ޑްރަގް ކޯޓުގެ އޮފިޝަލުން ޖަލުތަކަށް ވަޑައިގެން މައްސަލަތައް ނިންމަވާގޮތަށް ހަމަޖައްސަވައިފި

ކޮމިޝަނާރ އޮފް ޕްރިޜަންސް މުޙައްމަދު ޚުޝާމް ޑްރަގް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުންހަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު އާއިއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ޖަލުތަކުގައި ޙުކުމް ތަންފީޒް ކުރަމުންދާ ގައިދީން އެކި ބޭނުންތަކުގައި މާލެ ގެންނަންޖެހޭތީ، ދިމާވާ މައްސަލަތަށް ހައްލުކުރުމުގެ ގޮތުން ކުރާމަސައްކަތްތަކުގެ ތެރެއިން، ޑްރަގް ކޯޓުގެ އެކި ބޭނުންތަކަށް ގެންނަންޖެހޭ ގައިދީން މާލެ ގެނައުމުގެ ކަންކަން ކޮންޓްރޯލްކޮށް އަލުން އިންތިޒާމްކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ޖަލުތަކުން ޑްރަގް ކޯޓަށް ގެންނަންޖެހޭ ޤައިދީން މާލެ ނުގެނެސް ޑްރަގް ކޯޓްގެ ފަނޑިޔާރުން ނާއި އޮފިޝަލުން އެޖަލަކަށްގޮސް މައްސަލަތައް ނިންމުމަށެވެ. އަދި އެގޮތަށް އެކަންކުރުމަށް މިހާރުވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އާއި ސީނިއަރ ލީގަލް އޮފިސަރ އަބްދުﷲ ޒާހިރު އާއި ޕްރައިވެޓް އަޙްމަދު ސަރުވަޝް އެވެ. ޑްރަގް ކޯޓްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އެކޯޓް ހިންގެވުމާއި ވަގުތީ ގޮތުންހަވާލުވެ ހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު އާއި އެކޯޓުގެ ރެޖިސްޓްރާ އަލްއުސްތާޛު ހަސަން ޒަރީރު އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުން ދުވާލަކަށް އެވްރެޖްކޮށް 70 ވަރަކަށް ގައިދީން އެކި ބޭނުންތަކުގައި މާލެ ގެންނަންޖެހެއެވެ. އަދި މިއޮޕަރޭޝަންތަކަށް އެވްރެޖްކޮށް މަހަކަށް މިލިޔަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރަންޖެހެއެވެ.