މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފަސް ލީޓަރުގެ 2500 ފުޅިފެން، މާލޭގެ ރައްޔިތުންނަށް ބަހައިފި

މިހިނގާ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހު މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދޭ މައި ކުންފުނީގައި ހިނގި އަލިފާނުގެ ޙާދިޘާގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކެއް ދިމާވަމުންދާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފަސް ލީޓަރުގެ 2500 ފުޅި ފެން، މާލޭގެ ރައްޔިތުންނަށް ބަހައިފިއެވެ.

މިއަދު 10:30 ހާއިރު މަފުށީ ޖަލުން ގެނައި ފަސް ލީޓަރުގެ 2500 ފުޅި ފެން ބަހާފައިވަނީ މާލޭ ޖަލު ކުރިމަތީގައެވެ. މިކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވެފައި ވެއެވެ.

އަދި މިފަދަ ކަންކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ވެދެވެން އޮތް ފުރިހަމަ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެމުންގެންދާނެކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް ވިދާޅުވިއެވެ.

އަދި މި މަސައްކަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައެވެ.