އެންޓްރީ ލެވެލް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމް ކޯސް 4 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

Entry level refresher

ޕްރިޒަން އެކަޑަމީ އިން ހިންގި “އެންޓްރީ ލެވެލް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމް ކޯސް 4″ ރޭ ނިމިއްޖެއެވެ. މި ރަސްމިއްޔާތު އޮތީ މާފުށީ ޖަލުގެ ޖަލްސާކުރާ ހޯލްގައެވެ.

ރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި ޝަރަފްވެރިކޮށްދެއްވާ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް ބައިވެރިންނާއި މުހާތަބުކޮށް ވިދާޅުވީ، ތަމްރީނުތައް ނިންމުމަށްފަހު، ކޮންމެ އޮފިސަރަކުވެސް މަސައްކަތް ކުރަންވީ އެ މުވައްޒަފަކާއި މަތިކުރާ ކޮންމެ ކަމެއްވެސް ތަމްރީނުތަކުގައި ކިޔަވައިދެއްވާފައިވާ ގޮތަށް ބޭނުންކުރުމަށް ކަމަށެވެ. އަދި މުވައްޒަފުންގެ ތެރޭގައި އެއްބައިވަންތަކަން ޤާއިމް ކުރުމަށާއި ރަނގަޅު ޑިސިޕްލިން އެއް ގެންގުޅުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

އަދި މިއަދު ޖޫނިއަރ އޮފިސަރެއްގެ ގޮތުގައި ހުރިނަމަވެސް ﷲ ގެ އިރާދަފުޅާއި އެކު ކޮންމެ އޮފިސަރަކީވެސް މަތީ ހަރުފަތްތަކެއް ގިރާކުރާނެ އޮފިސަރަކަށް ވުމަށް މަސައްކަތް ކުރުމަށް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ތަނުގެ ތެރޭގައި ފިތުނަ އުފެއްދުމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް މުވައްޒަފަކު ބައިވެރިނުވުމަށް އިލްތިމާސް ކުރެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަކީ ވަޒީފާގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާ އޮފިސަރުން ތަކަކަށް ވުމަށް ކޮންމެ އޮފިސަރަކުވެސް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ހަރުދަނާ ޑިސިޕްލިން އެއް ކޮންމެ އޮފިސަރެއްގެވެސް ހުންނަން ޖެހޭކަމަށް އެސް.ޕީ ވިދާޅުވިއެވެ.  އަދި އޮފިސަރުންނަށް ތަމްރީނު ތަކާއި ޕްރޮގްރާމްތައް ހިންގުމަށް ޕްރިޒަން އެކަޑަމީން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވާ، ޑައިރެކްޓަރ އޮފް އެކަޑަމީ، އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން އަށާއި ޕްރިޒަން އެކަޑަމީގެ މުދައްރިބުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ވެދުން ކުރިއެވެ.

މި ރަސްމިއްޔާތުގައި ޝުކުރުދަންނަވައި ކޯސްރިޕޯރޓް އިއްވައިދެއްވީ ޕްރިޒަންސް ލާންސްކޯޕްރަލް މުޙައްމަދު ނިޝްވާން އެވެ. އަދި ޤްރުއާން ކިޔަވާދެއްވީ ކޯހުގެ ދަރިވަރު ޕްރިޒަންސް ލާންސްކޯޕްރަލް އިބްރާޙީމް ޢާރިފް އެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތްކުރާ ހުރިހައި އޮފިސަރުންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެންޓްރީ ލެވެލް ހަތަރުވަނަ ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމްގައި 18 އޮފިސަރުން ބައިވެރިވެފައި ވެއެވެ.

މި ރަސްމިއްޔާތުގައި ޑައިރެކްޓަރ އޮފް އެކަޑަމީ، އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އާއި ޕްރިޒަން އެކަޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ ޕްރިޒަންސް ކޯޕްރަލް އަޙްމަދު ރިޒާ އާއި މާފުށީ ޖަލުގެ ޗީފް ސްޕްރިންޓެންޑެންޓް އިންސްޕެކްޓަރ އޮފް ޕްރިޒަންސް އިބްރާޙީމް ނާޝިދު އާއި ސަބް އިންސްޕެކްޓަރ އޮފް ޕްރިޒަންސް އަޙްމަދު ޝާހިދު ގެ އިތުރުން ކޯހުގެ މުދައްރިބުންނާއި މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް ގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *