މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ 4 ގަވާއިދެއް މިއަދު ގެޒެޓް ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިންގުމަށް ބޭނުންވާ ހަތަރު ޤަވާޢިދެއް މިއަދު ގެޒެޓްކޮށްފިއެވެ.

މި ޤަވާއިދު ތަކުގެ ތެރޭގައި ހިމެނެނީ ޖަލުގެ އިދާރީ ހިންގުމާ ބެހޭ ޤަވާއިދާއި، ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާޢިދާއި، ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރުގެދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ  ހަށިގަނޑުން ސާމްޕަލް ނެގުމާއި ޤައިދީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާނާއި ލޭގެ ގްރޫޕާއި ދަތުގެ ނިޝާނާއި ހަށިގަނޑުގެ މިންނެގުން ފަދަ ކާކުކަން އަންގައި ދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މަޢުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދާއި، ވަގުތީގޮތުން ޤައިދީން ދޫކުރުމާބެހޭ ޤަވާޢިދެވެ.

މި ޤަވާޢިދު ތަކަކީ ޤާނޫނު ނަންބަރ 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގެ ޤާނޫނު) އިން ބާރު ލިބިގެން ގެޒެޓް ކުރެވިފައިވާ ޤަވާއިދު ތަކެކެވެ.

މީގެކުރިން ވަނީ ހަތަރު ޤަވާއިދެއް ގެޒެޓް ކޮށްފައެވެ.