މާފުށީ ޖަލުގެ ރުއްތަކުގެ ރުކުމަޑި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ޑެޕިއުޓީ ކޮމިޝަނަރ ފައްޓަވައިދެއްވައިފި

ރުކުމަޑީގެ ސަބަބުން މާފުށީ ޖަލުގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރުއްތަކަށް “ރުކުމަޑި ބޭސް” އެޅުމުގެ މަސައްކަތް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ފައްޓަވައި ދެއްވައިފިއެވެ.

ރުކުމަޑީގެ ސަބަބުން މާފުށީ ޖަލުގެ ގިނައަދަދެއްގެ ރުއްތަކަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި މަސައްކަތަކީ މާފުށީ ޖަލުގެ ޕްރޮގްރާމްސް ޑިޕާޓްމަންޓްގެ ފަރާތުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތެކެވެ. މިދިޔަ ހޮނިހިރު ދުވަހު ކުރި މަސައްކަތުން 30 ރުކަށް ރުކުމަޑި ބޭސް އަޅާފައިވެއެވެ.

މިމަސައްކަތުގައި މާފުށީ ޖަލުގެ ޕްރޮގްރާމްސް ޑިޕާޓްމަންޓްގެ މުވައްޒަފުންގެ އިތުރުން ޕްރިޒަން އެކަޑަމީއާއި، އިމަޖެންސީ ސަޕޯރޓް ގްރޫޕް އާއި މާފުށީ ޖަލުގެ ހުރިހައި ސެކްޝަންތަކުގެ މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިފައިވާކަން، ޕްރޮގްރާމްސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް، ކޯޕްރަލް އަބްދުﷲ އަމީން ފާހަގަކުރެއްވިއެވެ.