“މާލޭ ޖަލަކީ ޖަލުތައް ރީބްރޭންޑް ކުރުމަށް ތައްޔާރު ކުރެވިފައިވާ ޖަލެއް” ކޮމިޝަނަރ

މާލޭ ޖަލަކީ ޖަލުތައް ރީބްރޭންޑް ކުރުމަށް ތައްޔާރުކުރެވިފައިވާ ޖަލެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭ ޖަލުގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޑިނަރ ނައިޓް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޝަނަރ ވިދާޅުވީ މިޒަމާނުގެ ޖަލުތަކަކީ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާ ތަންތަން ކަމަށާއި އަދި ޤައިދީންނަށް ތަޢުލީމީ ފުރުޞަތުތައް މިހާރުވެސް ފުޅާވެގެން ހިނގައްޖެ ކަމަށެވެ. އަދި ޤައިދީން އަނބުރާ މުޖުތަމަޢު އަށް ނުކުތުމަށް ތައްޔާރުވަމުން އަންނައިރު އެމީހުންނަށް އިތުރު މަސައްކަތްތައް ދަސްކޮށްދީ ކުށުގެވެށިން އެމީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ކުރީގައި ޖަލުގެ ގޮތުގައި “ޓިނުގެ” ހުންނައިރު، އެތަނުން ޤައިދީން ފިލާކަމަށެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތްކޮށްފައި ޖަލު ބެލެހެއްޓުމަށް ވަގުތު ނުވާކަމަށެވެ.

ޖަލުތަކުގެ މުވައްޒަފުންގެ ޢާއިލާ ތަކާއި މުޚާޠަބުކޮށް ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި ކުރީގަ އެ އޮންނަ ހާސްކަން މިހާރު ޖަލުތަކުގެ މުވައްޒަފުންގެ ނެތްކަމަށެވެ. ކުރީގައި ޖަލަކީ ބިރުވެރި ތަނެއްގެ ގޮތުގައި ސިފަވެފައި ވީނަމަވެސް މިހާރު ކުރެވުނު މަސައްކަތް ތަކާއެކު، އެ ބިރުވެރިކަން އެއްކޮށް ނެތިގެން ހިނގައްޖެކަމަށެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ އޭރު ޖަލުތައް އޮތްގޮތުން ޖަލުތަކަށް ބޭނުންވާ އޮފިސަރުން ހޯދުމަށް ވަރަށް އުނދަގޫތައް ދިމާވެފައި ވާކަމަށެވެ. އަދި އެކި އަތޮޅުތަކަށް ޓީމްތައް ފޮނުވައިގެންވެސް މުވައްޒަފުން ހޯދުމަށް މަސައްކަތް ކުރެވިފައި ވާކަމަށެވެ. ނަމަވެސް މިއަދު 20 އޮފިސަރުން ހޯދަން އިޢުލާން ކުރީމާ 300 އާއި 400 އާއި ދެމެދު ޢަދަދަށް ވަޒީފާއަށް ކުރިމަތިލާކަމީ މި މުއައްސަސާ އަށް އިތުރު ކުރިއެރުން އައިސްފައިވާކަމުގެ ހެއްކެއް ކަމަށެވެ.