މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ޚާއްޞަ މަސައްކަތު ދުވަހެއް ފާހަގަކޮށްފި

މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ޚާއްޞަ މަސައްކަތު ދުވަހެއް 02 މާރޗް 2015 ގައި ފާހަގަކޮށްފިއެވެ.

މި މަސައްކަތުގައި ކޮމިޝަނަރ އާއި ޑެޕިއުޓީ ކޮމިޝަނަރ ޢަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ހުރިހާ އޮފިސަރުންވަނީ މިމަސައްކަތުގައި ބައިވެރިވެލައްވާފައެވެ. އަދި މާފުށީ ޖަލުގެ އެކިސެކްޝަންތަކުގެ ގިނަޢަދަދެއްގެ މުވައްޒަފުން މި މަސައްކަތް އަވަސްކުރުމަށްޓަކައި ވަނީ ބައިވެރިވެފައެވެ.

“ޖަލުގެ އަމާންކަމަށް އަހަރެންގެ ބައިވެރިވުން” މި ޝިއާރުގެ ދަށުން އިއްޔެ ކުރެވުނު މަސައްކަތުންވަނީ ވަރަށް ބޮޑުބައެއް ނިންމާލެވިފައެވެ.

މާފުށީ ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތުގައި 180 ވަރަކަށް މުވައްޒަފުން ބައިވެރިވެފައިވާކަމަށް މާފުށީ ޖަލުގެ ހިއުމަން ރިސޯސް ސެކްޝަންގެ ޑެޕިއުޓީ ހެޑް ކޯޕްރަލް އިބްރާހީމް އަނީސް ވިދާޅުވިއެވެ. އަދި ކޯޕްރަލް އަނީސް އިތުރަށް ވިދާޅުވީ މިމަސައްކަތަށް ޖަލުގެ މުވައްޒަފުންގެ ފަރާތުން ލިބިގެންދިޔަ ސަޕޯޓަކީ މިމަސައްކަތް އަވަހަށް ނިންމުމަށް މުވައްޒަފުން ދެމުންގެންދާ އަހުމިއްޔަތު ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ ކަމެއްކަމަށެވެ.

މާފުށީ ޖަލުގެ ޕްރޮގްރާމްސް ސެކްޝަންގެ ހެޑް ކޯޕްރަލް އަބްދުﷲ އަމީން ވިދާޅުވީ މި މަސައްކަތަކީ މިހާރު ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، މި މަސައްކަތް ވީހާވެސް އަވަސް ކުރުމަށް ކޮމިޝަނަރ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށެވެ. އަދި މިމަސައްކަތުގައި ކޮމިޝަނަރ އާއި ޑެޕިއުޓީ ކޮމިޝަނަރ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަމީ މި މަސައްކަތުގެ މުހިންމުކަންބޮޑުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް ހުރިހާ ބޭފުުންވެސް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވަމުން އަންނަކަމީ މިމަސައްކަތުގެ ޖޯޝާއި ފޯރި އިތުރަށް ވަރުގަދަވެގެން އަންނަ ކަމެއްކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ބައިވެރިވެލެއްވި ހުރިހާ އޮފިސަރުންނަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.

Bound2

މާފުށީ ޖަލުގެ ޕްލެޓޫން ތަކާއި ސެކްޝަން ތަކުން މިހާރުވެސް ސިލްސިލާކޮށް ބައުންޑަރީ ވޯލް ގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަދި އިއްޔެ ކުރެވުނު މަސައްކަތް ފޯރިއާއި އެކު ކުރުވުމަށްޓަކައި ޖަލުގެ އަންހެން މުވައްޒަފުންގެ ފަރާތުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ހިއުމަން ރިސޯސް ސެކްޝަންގެ ޑެޕިއުޓީ ހެޑް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.