ހުވާކުރުމުގެ 3 ވަނަ ރަސްމިއްޔާތަށް ތައްޔާރުވާން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ހުވާކުރުމުގެ 3 ވަނަ ރަސްމިއްޔާތު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.

ޖަލު އޮފިސަރުންގެ ހުވަޔަކީ “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންމެހެން ޤާނޫނުގައި ކުރަން ލާޒިމް ކޮށްފައިވާ ކަމެކެވެ.

“ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ “މި ޤާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އުފެދުމާއެކު، ޖަލު އޮފިސަރުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްޢޫލިއްޔަތު ޒިންމާދާރު ގޮތެއްގައި އުފުލުމަށްޓަކައި، މި ޤާނޫނުގެ ޖަދުވަލު 1 ގައިވާ ހުވައި ހުރިހާ އޮފިސަރުން ކުރަން ޖެހޭނެއެވެ.” މިހެންނެވެ.

މީގެކުރިންވެސް ވަނީ ހުވާކުރުމުގެ ދެ ރަސްމިއްޔާތެއް ބާއްވާފައެވެ. އޭގެތެރެއިން ފުރަތަމަ ރަސްމިއްޔާތުގައި ވަނީ 380 އޮފިސަރުން ހުވާކޮށްފައެވެ. އަދި ދެވަނަ ރަސްމިއްޔާތުގައި 132 އޮފިސަރުން ވަނީ ހުވާ ކޮށްފައެވެ.

އެހެން ފަހަރު ތަކާއި ޚިލާފަށް މިފަހަރުގެ މި ރަސްމިއްޔާތަކީ ކުލަގަދަ ރަސްމިއްޔާތަކަށް ހެދުމަށް ޕްރިޒަން އެކަޑަމީ އިން ދަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 މަރޗް 08 ދުވަހުގެ ރޭ މާފުށީ ޖަލުގައެވެ.