މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ 31 އޮފިސަރުން ހުވާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ 31 އޮފިސަރުން މިރޭ ހުވާކޮށްފިއެވެ.

މިރޭ ހުވާކުރި 31 އޮފިސަރުންގެ ތެރެއިން 10 އޮފިސަރުންނަކީ އެކި ސަބަބުތަކާހުރެ މީގެ ކުރީގެ ހުވާކުރުމުގެ ރަސްމިއްޔާތު ތަކުގައި ބައިވެރި ނުވެވިފައިވާ އޮފިސަރުންނެވެ. އަދި 21 އޮފިސަރުންނަކީ މިހާރު ޕްރިޒަން އެކަޑަމީ އިން ކުރިއަށްގެންދާ އެންޓްރީ ލެވެލް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރަމުންގެންދާ ބައިވެރިންނެވެ.

ޖަލު އޮފިސަރުންގެ ހުވަޔަކީ “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންމެ އޮފިސަރަކުވެސް ކުރަން ޤާނޫނުގައި ލާޒިމް ކޮށްފައިވާ ކަމެކެވެ.

“ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު” ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ “މި ޤާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އުފެދުމާއެކު، ޖަލު އޮފިސަރުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްޢޫލިއްޔަތު ޒިންމާދާރު ގޮތެއްގައި އުފުލުމަށްޓަކައި، މި ޤާނޫނުގެ ޖަދުވަލު 1 ގައިވާ ހުވައި ހުރިހާ އޮފިސަރުން ކުރަން ޖެހޭނެއެވެ.” މިހެންނެވެ.

އަދި މިޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވަނީ “މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އުފެދި އެ ސަރވިސްގެ ވަޒީފާ ދެވޭ ކޮންމެ އޮފިސަރަކު  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފިސަރުންގެ ހުވައި ފަނޑިޔާރެއްގެ ކުރިމަތީގައި ކުރަންވާނެއެވެ.”

މިރޭގެ ރަސްމިއްޔާތުގައި ޖަލު އޮފިސަރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ އަރީފް އެވެ.

“ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނުނު” ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން “އޮފިސަރުންގެ ހުވައިގެ މަތީ ދެމިތިބުމަކީ ކޮންމެ އޮފިސަރަކަށް ވާޖިބު ކަމެކެވެ.”

މިރޭގެ ރަސްމިއްޔާތުގެ ޚާއްޞަ މެހުމާނަކީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ އަރީފް އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮންރަބަލް ޢުމަރު ނަސީރު އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ގުރައިދޫ ދާއިރާގެ މެންބަރ އަލްއުސްތާޛް އިބްރާހީމް ރިޒާ ގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.