އެޗް.ޑީ.ސީގެ މައްޗަށް އެން.އެކްސް ކުރި ހޯދައިފި

އައްސޭރި ޖަލުގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެގެ މެޗްގައި ވަނީ ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިފައެވެ.  އަދި ދެޓީމްގެ ގޯލަށް ވަނީ ނުރައްކާތެރި ގިނަ ޙަމަލާތަކެއް ފޮނުވާލާފައެވެ.

އިއްޔެގެ މެޗްގައި ވާދަކުރީ އެން.އެކްސް އާއި އެޗް.ޑީ.ސީ އެވެ. މި މެޗް 3-0 ގެ ނަތީޖާއަކުން އެޗް.ޑީ.ސީ ގެ މައްޗަށް ކުރިހޯދައި، ޕޮއިންޓް ޓޭބަލްގެ އެންމެ ކުރިން ވަނީ އެން.އެކްސް ޖާގަ ހޯދާފައެވެ.

އެޗް.ޑީ.ސީ ން ބުނީ އިއްޔެގެ މެޗުން ބަލިވީ ކީޕަރަށް ހެދުނު ދެތިން މިސްޓޭކެއްގެ ސަބަބުން ކަމަށެވެ.

އިއްޔެގެ މެޗްގެ ފުރަތަމަ ލަނޑު ޖަހާދީފައިވަނީ މެޗްގެ ފުރަތަމަ ހާފްގައި އެން.އެކްސް ގެ ޖާޒީ ނަންބަރ 37، ލާންސްކޯޕްރަލް އަޙްމަދު ޖާދުﷲ އެވެ. އަދި ދެވަނަ ލަނޑުވެސް ފުރަތަމަ ހާފްގައި ޖަހާދީފައިވަނީ އެން.އެކްސް ގެ ޖާޒީ ނަންބަރ 11، ލާންސް ކޯޕްރަލް ރާއިދު އަބޫބަކުރު އެވެ. އަދި 3 ވަނަ ލަނޑު ޖަހާދީފައިވަނީ އެން.އެކްސް ގެ ޖާޒީ ނަންބަރ 55، ލާންސް ކޯޕްރަލް ޙަސަން ޖީޝާދު އެވެ.

އިއްޔެގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެން.އެކްސް ގެ ޖާޒީ ނަންބަރ 55، ލާންސް ކޯޕްރަލް ޙަސަން ޖީޝާދު އެވެ.

NC12

16 މާރޗް އިން 27 މާރޗް އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްސޭރި ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި އައްސޭރިޖަލުން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބަރާތުގައި އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ޖުމްލަ 5 ޓީމް ބައިވެރިވެފައި ވެއެވެ. މި މުބާރާތް ކުޅޭނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލް ކުޅޭ ގޮތަށެވެ.