އައްސޭރި ޕްރިޒަން ކަޕް 2015: އެޗް.ޑީ.ސީ އާއި އެފް.ސީ ޔުނިޓީ ބައްދަލުކުރިމެޗް އެއްވަރުވެއްޖެ

އައްސޭރި ޕްރިޒަން ކަޕް 2015 ފުޓްބޯޅަ މުބާރާތުގެ މިއަދުގެ މެޗްގައި ބައްދަލުކުރީ ހުޅުމާލެ ޑިޓެންޝަން ސެންޓަރ (އެޗް.ޑީ.ސީ) އާއި އެފް.ސީ ޔުނިޓީއެވެ. މިމެޗް ނިމުނީ 1-1 އިން ދެޓީމް އެއްވަރު ވެގެންނެވެ.

މިއަދުގެ މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ އެޗް.ޑީ.ސީ ގެ ޖާޒީ ނަންބަރ 2 ޕްރައިވެޓް މުޙައްމަދު މައުރޫފް އެވެ. އެހެންނަމަވެސް މި މެޗްގެ ދެވަނަ ހާފްގެ 8 ވަނަ މިނިޓްގައި އެޗް.ޑީ.ސީ ކުޅުންތެރިން ކުރި ފައުލް އަކާއި ގުޅިގެން އެފް.ސީ ޔުނިޓީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ އެފް.ސީ ޔުނިޓީގެ ޖާޒީ ނަންބަރ 8 ޕްރައިވެޓް މޫސާ ހަސަން ފުޅު އެވެ.

މިއަދު ކުޅެވުނު މެޗަކީ މުބާރާތުގެ ހަތަރުވަނަ މެޗެވެ. މި މެޗްގައި ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ވަނީ ފެނިގެން ގޮސްފައެވެ. އަދި ދެޓީމްގެ ގޯލަށްވެސް ނުރައްކާތެރި ގިނަ ޙަމަލާތަކެއް ވަނީ ފޮނުވާލާފައެވެ.

މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފް.ސީ ޔުނިޓީގެ ޖާޒީ ނަންބަރ 8 ޕްރައިވެޓް މޫސާ ޙަސަން ފުޅު އެވެ.

މި މުބާރާތަކީ އައްސޭރި ޖަލުން އިސްނަގައިގެން ހުޅުމަލޭ ޑިޓެންޝަން ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި 5 ޓީމް ވަނީ ބައިވެރި ވެފައެވެ. 16 މާރޗް އިން 27 މާރޗް އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްސޭރި ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.