އައްސޭރި ޕްރިޒަން ކަޕް 2015: އެފް.ސީ ތުނޑު 5 ޕޮއިންޓާއިއެކު ޓޭބަލްގެ އެންމެ ކުރިއަށް

އައްސޭރި ޕްރިޒަން ކަޕް ގައި އިއްޔެ ބަދަލުކުރި މެޗްގައި އެފް.ސީ ތުނޑާއި އެފް.ސީ ޔުނިޓީ ބައްދަލުކުރި މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗް އެއްވަރުވުމުން 5 ޕޮއިންޓާއެކު، މިވަގުތު ޕޮއިންޓް ޓޭބަލްގެ އެންމެ ކުރިން އެފް.ސީ ތުނޑަށް ވަނީ ޖާގަ ލިބިފައެވެ. 5 ޕޮއިންޓް ލިބިފައިވަނީ 1 މެޗުން މޮޅުވެ، 2 މެޗުން އެއްވަރު ވުމުންނެވެ.

އެން.އެކްސް މިވަގުތު އޮތީ 4 ޕޮއިންޓާއި އެކު ޓޭބަލްގެ ދެވަނައިގައެވެ. އެން.އެކްސް 2 މެޗް ކުޅެފައިވާއިރު 1 މެޗުން މޮޅުވެ، 1 މެޗުން ވަނީ އެއްވަރުވެފައެވެ.

ޕޮއިންޓް ޓޭބަލްގެ ތިންވަނައިގައި، ތިން ޕޮއިންޓާއެކު އެފް.ސީ ޔުނިޓީ އޮތްއިރު އާޗާ އާއި އެޗް.ޑީ.ސީ އޮތީ ދެ ޕޮއިންޓާއެކު ޕޮއިންޓް ޓޭބަލްގެ އެންމެ ފުލުގައެވެ.

އިއްޔެގެ މެޗްގައި ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ދެ ޓީމްގެ ފަރާތުންވެސް ތަނަވަސްކުރިއެވެ. ނަމަވެސް މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

އެފް.ސީ ތުނޑުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފްގެ 25 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެފް.ސީ ތުނޑުގެ ޖާޒީ ނަންބަރ 17، ޕްރައިވެޓް މުޙައްމަދު ވިޝާޙް އެވެ. އަދި އެފް.ސީ ތުނޑުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގެ 13 ވަނަ މިނިޓްގައި އެފް.ސީ ތުނޑުގެ ޖާޒީ ނަންބަރ 14، ޕްރައިވެޓް މުޙައްމަދު ޙަމީލް އެވެ.

އެފް.ސީ ޔުނިޓީގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފްގެ 11 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެފް.ސީ ޔުނިޓީގެ ޖާޒީ ނަންބަރ 11، ޕްރައިވެޓް މުޙައްމަދު އުނައިޝް އެވެ. އަދި ދެވަނަ ލަނޑު، ދެވަނަ ހާފްގެ 34 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެފް.ސީ ޔުނިޓީގެ ޖާޒީ ނަންބަރ 8، ޕްރައިވެޓް މޫސާ ޙަސަން ފުޅު އެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.ސީ ޔުނިޓީގެ ޖާޒީ ނަންބަރ 6، ޕްރައިވެޓް ޙަސަން ފަރީދު އެވެ.

މި މާޗް މަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަދު ބައްދަލު ކުރާނީ އާޗާ އާއި އެން.އެކްސް އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 ގައެވެ.