އިއްޔެގެ މެޗްގައި އެޗް.ޑީ.ސީ އިން މޮޅު ކުޅުމެއް ދައްކައި މުބާރާތުން ކަޓައިފި

އިއްޔެގެ މެޗްގައި އެޗް.ޑީ.ސީ އިން މޮޅު ކުޅުމެއް ދައްކައި މުބާރާތުން ކަޓައިފިއެވެ. މި މެޗްގައި އެޗް.ޑީ.ސީ މޮޅުވީ 6-3 ގެ ނަތީޖާއިން އެފް.ސީ ތުނޑު ގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މުބާރާތް އެޗް.ޑީ.ސީ ނިންމާލީ ޕޮއިންޓް ޓޭބަލްގެ ތިންވަނައިގައި އޮވެގެންނެވެ.

އިއްޔެގެ މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ހަވަނަ މިނިޓްގައިޖަހާ އެޗް.ޑީ.ސީ އަށް ލީޑް ހޯދައިދިނީ އެޗް.ޑީ.ސީ ގެ (ޖާޒީ ނަންބަރ 9) ޕްރައިވެޓް އަބްދުﷲ ޖަމީލް އެވެ. އަދި މެޗްގެ ނުވަވަނަ މިނިޓްގައި ލީޑް އިތުރަށް ފުޅާކޮށްފައިވަނީ އެޗް.ޑީ.ސީ ގެ (ޖާޒީ ނަންބަރ 8) ޕްރައިވެޓް ޙުސައިން ޞަބާޙް ޖަހާދިން ލަނޑުންނެވެ.

އެޗް.ޑީ.ސީ ދެލަނޑުގެ ލީޑެއްގައި ކުޅެމުންދަނިކޮށް ފުރަތަމަ ހާފްގެ 25 ވަނަ މިނިޓްގައި އެފް.ސީ ތުނޑު ގެ (ޖާޒީ ނަންބަރ 17) ޕްރައިވެޓް މުޙައްމަދު ވިޝާހް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައިވަނިކޮށް، 29 ވަނަ މިނިޓްގައި (ޖާޒީ ނަންބަރ 23) ޕްރައިވެޓް އަހްމަދު މިޒްހާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ތިންވަނަ ލަނޑުޖަހާ މެޗްގެ ލީޑް އަލުން އެޗް.ޑީ.ސީ އިން ހޯދީ ފުރަތަމަ ހާފްގެ 32 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އެޗް.ޑީ.ސީ ގެ (ޖާޒީ ނަންބަރ 8) ޕްރައިވެޓް ޙުސައިން ޞަބާޙް އެވެ.

ފުރަތަމަ ހާފް ނިމުނީ 3-2 ގެ ނަތީޖާއިން އެޗް.ޑީ.ސީ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފްގެ ކުޅުންފަށައިގެން ތިންވަނަ މިނިޓްގެ ތެރޭގައި އެޗް.ޑީ.ސީގެ ހަތަރުވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަންބަރ 4) ޕްރައިވެޓް މުޙައްމަދު ސިރާޖް އެވެ. އަދި ދެވަނަ ހާފްގެ 19 ވަނަ މިނިޓްގައި އެފް.ސީ ތުނޑުގެ (ޖާޒީ ނަންބަރ 14) ޕްރައިވެޓް މުޙައްމަދު ހަމީލް އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. ނަމަވެސް މެޗްގެ 22 ވަނަ މިނިޓްގައާއި 25 ވަނަ މިނިޓްގައި އިތުރު ދެ ލަނޑު އެޗް.ޑީ.ސީ އިން ވަނީ ކާމިޔާބުކޮށް މެޗް ލީޑް އިތުރަށް ފުޅާކޮށްފައެވެ. މި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ އެޗް.ޑީ.ސީ ގެ (ޖާޒީ ނަންބަރ 9) ޕްރައިވެޓް އަބްދުﷲ ޖަމީލް އެވެ.

އިއްޔެގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް އެޗް.ޑީ.ސީ ގެ (ޖާޒީ ނަންބަރ 9) ޕްރައިވެޓް އަބްދުﷲ ޖަމީލް އެވެ. މި މެޗްގައި ޕްރައިވެޓް އަބްދުﷲ ޖަމީލް ވަނީ ތިން ލަނޑުޖަހާ ހެޓްރިކެއް ހަދާފައެވެ.

އެޗް.ޑީ.ސީ ގެ ކޯޗް އިންސްޕެކްޓަރ އޮފް ޕްރިޒަންސް މޫސާ އަންވަރު ވިދާޅުވީ އިއްޔެގެ މެޗްގައި ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށާއި، ކުރިއަށް ހުރި ހުރިހާ މުބާރާތްތަކެއްގައިވެސް އެޗް.ޑީ.ސީ ބައިވެރިވާނެ ކަމަށެވެ. އަދި މުބާރާތުގެ މަޤްޞަދު ޙާޞިލް ވެއްޖެކަމަށާއި، އައްސޭރި ޖަލުގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.

އައްސޭރި ޕްރިޒަން ކަޕްގައި މިއަދު ވާދަކުރާނީ ހަތް ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮތް އެން.އެކްސް އާއި ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް އެފް.ސީ ޔުނިޓީއެވެ. މިއަދުގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:15 ގައި އައްސޭރި ދަނޑުގައެވެ.