މާފުށީ ޖަލާއި އީ.އެސް.ޖީ ގެ ފަރާތުން ލޭ ހަދިޔާކޮށްފި.

“ދިރިހުރުމަށް އަހަރެންގެ ލޭ” މި ޝިއާރުގެ ދަށުން އާންމުންނަށްވެސް ބައިވެރިވެވޭ ގޮތަށް މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ ފަރާތުން ލޭ ހަދިޔާ ކޮށްފި އެވެ.

މާފުށި ޖަލުގައި ކުރިއަށް ގެންދިޔަަ މި އިވެންޓަކީ މާފުށީ ޖަލާއި އީ.އެސް.ޖީ ގެ އަހަރީ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސް އާއި ގުޅިގެންކަމަށް މާފުށީ ޖަލުން މައުލޫމާތު ދެއެވެ.

މާފުށީ ޖަލުގެ އަހަރީ ދުވަހަކީ ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހެވެ. އަދި އީ.އެސް.ޖީގެ އަހަރީ ދުވަހަކީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހެވެ.

މާފުށީ ޖަލުގައި ލޭ ހަދިޔާ ކުރީ އިއްޔެ އެވެ. އިއްޔެގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަށް 111 މީހުން ލޭ ހަދިޔާ ކޮށްފައިވާކަމަށް މި އިވެންޓް އިންތިޒާމް ކުރި ފަރާތުން ސީނިއަރ ޕްރިޒަންސް އޮފިސަރ އަލީ މާނިއު މަޢުލޫމާތު ދެއްވައެވެ.

މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ މި އިވެންޓް ފައްޓަވައި ދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެވެ.

މިއީ މާފުށީ ޖަލުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ދެވަނަ ޕްރޮގްރާމެވެ.